މީގެ 10 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ގެއްލުނު މެލޭޝިއާގެ ފްލައިޓެއް ކަމަށްވާ އެމްއެޗް370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފަށަން މެލޭޝިއާ ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން މެލޭޝިއާގެ ޓްރާބްސްޕޯޓު މިނިސްޓަރ އެންތޮނީ ލޯކް އިއްޔެ ނިންމާފައިވަނީ އެމްއެޗް370 ގެއްލުނު ސަބަބު ހޯދުމަށާއި ފްލައިޓުގެ އެއްވެސް ބައެއް ނުވަތަ އިތުރު މައުލޫމާތެއްވިޔަސް ހޯދަން މަސައްކަތްކޮށް ތަހުގީގު އަލުން ފެށުމަށެވެ.
މެލޭޝިއާގެ އެއާކްރާފްޓެއް ކަމަށްވާ އެމްއެޗް370، ބޮއެންގް 777 ވީނުވީއެއް ނޭނގި ރާޑަރުން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8ވަނަ ދުވަހުއެވެ. އެފްލައިޓުގައި އެވަގުތު 227 ޕަސަންޖަރުންނާއި 12 ކްރޫ މެންބަރުން ވެސް ހިމެނެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންތޮނީ ބުނީ އެމްއެޗް370 ހޯދުމުގެ މަސައްކަތް މިފަހަރު ކުރިއަށްވުރެ ބޮޑަށް، ޒިންމާދާރުކަމާއެކީ ކުރިއަށްގެންދާނެ ކަމަށާއި އަދި މި ހާދިސާގެ ފުރިހަމަ މައުލޫމާތުތައް މިފަހަރު ހޯދި، ގެއްލުނު ފްލައިޓުގައި ތިބި އެންމެންގެ އާއިލާތަކަށް ވެސް ފުރިހަމަ ޖަވާބެއް މިފަހަރު ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޖިއަންގް ހުއީ ނަމަކަށް ކިޔައި މީހަކު މި ތަހުގީގާ ގުޅޭގޮތުން ބުނީ މިއީ މަލޭޝިއާ ސަރުކާރުން ނިންމު ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެހެންނަމަވެސް މިއީ ފެށުން ލަސްވެފައިވާ ތަހުގީގެއް ކަމަށެވެ. އެދުވަހުގެ އެ ދަތުރުގައި އެމްއެޗް 370 ފްލައިޓުގައި އޭނާގެ މަންމަވެސް ދަތުރުކޮށް، ވަނީ ގެއްލިފައެވެ.




