ބޯކޮށް ވާރޭވެހި، ފެންބޮޑުވެގެން ލިބުނު ގެއްލުމާ ގުޅިގެން މާލެއިން 32 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނީ 32 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވަނީ އަށް ގޭބިސީއަކުން ކަމަށެވެ. އަދި އެ މީހުންނަށް ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިފައިވަނީ އެއް ދުވަހަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
”މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއެ ހެދުމަށާއި ނިދައި ފާޚާނާ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން،“ އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާލެ އަށެވެ. އަދި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެފައިވާ ކަމަށް އެމްއެންޑީއެފް އިންވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.
އެގޮތުން ފެން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ސިޓީ ކައުންސިލާ ގުޅިގެން 47 ތަނެއްގައި 229 ވެލިބަސްތާ ޖަހައިފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާއެކު މި ދުވަސްވަރު އާންމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށްވެސް މީގެ ކުރިން މެޓް އޮފީހުން ވަނީ ބުނެފައިވެއެވެ.




