ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ހައުސިންގް ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަނުކޮށްފިއެވެ.
ޑރ. ޝަފީގަކީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރެވެ.
އެޗްޑީއެފްސީގެ ބޯޑަށް ޝަފީގު އައްޔަނު ކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ވެބްސައިޓުންނެވެ. އެގޮތުން އެ އިއުލާނުގެ ބުނެފައިވާ ގޮތުގައި އެޗްޑީއެފްސީގެ ބޯޑަށް ޝަފީގް އައްޔަންކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ޝަފީގަކީ މީގެ ކުރިން ވެސް އެޗްޑީއެފްސީގައި މަތީ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އެ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމު އަދާކުރައްވާފައެވެ. އޭގެއިތުރުން އެ ކޯޕަރޭޝަންގެ އިތުރު ސީނިއަރ މަގާމުތަކެއް ވެސް އޭގެ ކުރިން އޭނާ އަދާކޮށްފައިވެއެވެ.
ޝަފީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގެނައި ބަދަލުތަކަކާ އެކު، ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.



