ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން މިއަދު ހުޅުމާލޭ ފޭސް 2 ގައި ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން، ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.
އެގޮތުން 08 ފިހާރައާއި، 04 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 01 ސެލޫން ބަލައި ފާސްކޮށްފައިވާ ކަމަށާއި މީގެތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 03 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ހިންގަމުންދާ އެ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.




