އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ މާފުށީ ދާއިރާގެ މެންބަރު އަދި މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ އާދަމް އެވެ.
މެންބަރު ރިޒާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި މިއަދު ކުރިއަށްދިޔައީ އީސީއަށް ދެ މެންބަރުން އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ ބޭފުންނާ އިންޓަވިއު ކުރުމެވެ.
އެގޮތުން އެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޒާހިދާއި ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހު ރަޝީދުގެ ނަމެވެ.
އިންޓަވިއު ނިންމާލުމަށްފަހު އިތުރު ސުވާލެއް އޮތްތޯ ސުވާލު ކުރުމުން ޒާހިދު ވިދާޅުވީ އީސީގެ މެންބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭ ކަމަށް ގާނޫނު ގައި ބުނާ ކަމަށެވެ. ނަމަވެސް މަޖިލީސް މިހާރު ރިސެސްގައި އޮތުމުން 60 ދުވަސް ހަމަވާނީ ރިސެސްގެ މުއްދަތުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒާހިދުގެ ސުވާލަށް ޖަވާބު ދެއްވަމުން ރިޒާ ވިދާޅުވީ ގާނޫނީ ހުސްކަމަކަށް ދިޔުމުގެ ފުރުސަތު ނުލިބޭނެހެން، މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދިވަޑައިގަންނަވާނެ ކަމަށެވެ.




