މިފެށޭ 2025 ވަނަ އަހަރު، ހަފްތާ ބަންދު ދުވަސްތައް ވެސް ހިމެނޭހެން، ހުރިހާ ދުވަހެއްގައި ވެސް ކޯޓުގައި ކައިވެނި ކުރެވޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނެފައިވަނީ މީގެ ކުރިން ހަފްތާ ބަންދުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް، ގިނަ ބައެއްގެ އެދުމުގެ މަތިން އަންނަ އަހަރު ހަފްތާ ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނި ކުރެވޭނެ ކަމަށެވެ.
އެގޮތުން ހަފްތާ ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދެނީ ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 9:30 އާ ހަމައަށެވެ. އަދި ހޮނިހިރު ދުވަހު ކައިވެނި ކޮށްދެނީ ހެނދުނު 10:00 އިން ރޭގަނޑު 9:30 އާ ހަމައަށެވެ.
ރަސްމީ ދުވަސްތަކުގައި ފެމިލީ ކޯޓުގައި ކައިވެނި ކޮށްދެނީ ހެނދުނު 9:00 އިން ރޭގަނޑު 9:30 އާ ހަމައަށެވެ.
ކޯޓުން ބޭރުގައިނަމަ ރަސްމީ ދުވަސްތަކުގައި ކައިވެނި ކޮށްދެނީ މެންދުރުފަހު 3:00 އިން ރޭގަނޑު 9:30 އަށެވެ.
މީގެއިތުރުން ފެމިލީ ކޯޓުން ބުނީ ރިސޯޓުތަކުގައާއި ސަފާރީތަކުގައި ކައިވެނި ކުރެވޭނެ ވަގުތުތައް ކަނޑައަޅާނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ. އަދި އަންނަ ރަމަޟާން މަހުގައި ކައިވެނި ކޮށްދޭނެ ގަޑިތައް ވެސް ފަހުން އިއުލާނު ކުރާނެ ކަމަށް އެކޯޓުން ބުނެފައިވެއެވެ.




