ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު، އޭނާގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގު ލިޔުންތަކެއްގެ ތެރެއިން ހުޅުމާލެއިން ބިމެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ޚިޔާނާތްތާއި ވައްކަމުގެ ގިނަ ތުހުމަތުތަކެއްގެ ތަފްސީލު ހިމަނުއްވާ އެޗްޑީސީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މީގެ ފަސް މަސް ކުރިން ފޮނުއްވި ކަމަށް ބުނާ ސިޓީ، އެމަނިކުފާނަށް ލިބިފައި ނުވާ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިއަދު އޮފީހުން ނުކުތް ވަގުތު، އެސަރަހައްދުން ބައެއް ނޫސްވެރިން ވަނީ އެމަނިކުފާނާ ބައްދަލު ކުރައްވާ ބިންވެރިޔާ ސްކީމް މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެގޮތުން ނޫސްވެރިން އެންމެ ބޮޑަށް ސުވާލު ކުރައްވާފައިވަނީ ޒުހޫރު ރައީސަށް ފޮނުއްވި ކަމަށް ބުނެ ދައުރުވަމުންދާ ސިޓީގެ ވާހަކައާއި، އެސިޓީ މެދުވެރިކޮށް މި މައްސަލަ ކުރިން ވެސް ހާމަވެފައިވާއިރު މިކަމާ ގުޅޭގޮތުން އެއިރު އެއްވެސް ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯއެވެ.
”އަޅުގަނޑަށް ތިޔަ ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް. ނުލިބޭ. އަޅުގަނޑަށް ލިބުނު ނަމަ އަޅުގަނޑު ޔަގީނުން ވެސް އަމަލު ކުރާނަން. ނޫނީ އެ ބަލާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮރަޕްޝަނުގެ އަމަލެއް ނޫނީ ގަވައިދާ ހިލާފަށް ކުރާ އަމަލެއް ހުއްޓުވުމުގައި ފަހަތަށް ނުޖެހޭނަން. މިއަދާ ހަމައަށް ވެސް ހުންނާނީ އެެކި ތަންތަނުގައި ނޫނީ އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންތައްތަކުގައި މައުލޫމާތު އިވުނީމާ އެކަމަކަށް ފިޔަވަޅު އަޅަން ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައި“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެފައިވާ ސަރުކާރަކަށް ހެދުން ކަމަށެވެ.



