ގެދޮރުވެރިޔާ ފްލެޓުތަކަށް އަލުން ފޯމުލާން ހުޅުވާލައިފި ކަމަށް ބުނެ ދައުރުވަމުން ދަނީ ފޭކް މެސެޖެއް ކަމުގައި ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމުގައެވެ.
އެހެންކަމުން އެ ލިންކަށް ނުފިތުމަށް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.
ހައުސިންގް މިނިސްޓްރީ ހިންގާ އިމާރާތުގައި މިމަހުގެ 12 ވީ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގެދޮރުވެރިޔާ ސްކީމްގެ ބައެއް ލިޔެކިޔުންތައް އަނދާފައިވާ ކަމަށް ބުނެ ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެ ހާދިސާގައި ހައުސިންގްއާ ގުޅޭ އެއްވެސް ލިޔުކިޔުމެއް ގެއްލިފައިނުވާ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.




