ޤައުމީ އެއާލައިން މޯލްޑިވިއަން އަށް ގެންނަ ވައިޑް ބޮޑީ އެއަރ ކްރާފްޓްގެ ދަތުރުތައް މުސްތަޤުބަލުގައި ޔޫރަޕަށް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، މޯލްޑިވިއަން އަށް އަލަށް ގެންނަ ވައިޑް ބޮޑީ އެއަރ ކްރާފްޓާ ގުޅޭގޮތުން މައުލުމާތު ދެއްވަމުން ސަލީމް ވިދާޅުވީ އެ އެއަރ ކްރާފްޓުގެ ދަތުރުތައް ފުރަތަމަ ފަށަނީ ހަތަރު ސިޓީ އެއްގައި ކަމަށާއި އޭގެ ތަފްސީލުތައް ފަހުން ގެނެސްދެއްވާނެ ކަމަށެވެ.
”ވައިޑް ބޮޑީ އެއަރ ކްރާފްޓުގެ ދަތުރުތައް ފެށުމާއެކު ޔޫރަޕަށް ވެސް އެ ދަތުރުތައް ފުޅާކުރާނެ. ޔޫރަޕުން ފަތުރުވެރިން އައުމަށް ފަށާ ދަތުރުތަކުގެ ސްޓަޑީތައް ހަދައި އެމަސައްކަތް ކުރެވެމުން ދަނީ“ ޑީއެމްޑީ ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ ޗައިނާއިން ވެސް އިތުރު މާކެޓުތައް ލިބޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އިންޑިއާ އަކީ ވެސް މުހިންމު މަންޒިލެއްކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ އިންޑިއާއަށް ވެސް އާންމުކޮށް ދިވެހިން ދަތުރުކުރާ މަންޒިލުތައް ބަލައި ހަދާނެ ކަމަށެވެ.




