ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުން މުޙައްމަދު މުއާޒް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވައިފިކަން ޔަގީންކޮށްދެއްވަމުން މިއަދު ”އެކްސް“ ގައި މުއާޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީ އާންމުކުރައްވާފައެވެ.
އެ ސިޓީގައި މުއާޒް ވިދާޅުވީ ފެނަކައަށް ލިބޭ އަމްދަނީއަށްވުރެ ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ފެނަކަގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ހުރެގެން އިތުރަށް އެކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން މިއަދުން ފެށިގެން ފެނަކަ ގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާކަމަށް މުއާޒް ވިދާޅުވެފައިވެއެވެ.
ރައީސްއަށް ފޮނުއްވި އެ ސިޓީގައި މުއާޒް ވަނީ ފެނަކަގެ ހާލަތު ދަށްކޮށް ހުރިނަމަވެސް ފާއިތުވީ އަހަރާ އަޅާބަލާއިރު އެ ކުންފުނި ހިންގުން ހަރުދަނާ ކުރައްވާފައިވާކަން ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ފެނަކަ ހިންގުމުގެ ޚަރަދުން ސަލާމަތް ކުރެވިފައިވާކަން މުއާޒް ފާހަގަ ކުރައްވާފައިވެއެވެ.
މީގެއިތުރުން ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން މިހާރު އެކުންފުނި ވެއްޓިފައިވާ ހާލަތުން އެ ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެއެވެ. އަދި އެ ހާލަތުން ސަލާމަތްވެވޭނެ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާ ކުރެވިފައިވާނެ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެއެވެ.



