މާލެ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން ކުރީ ސަރުކާރުން އިސްނަގައިގެން ފެއްޓެވި ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންގެ ލިސްޓު ކުރިން ވެސް އަދި މިހާރުވެސް ހަދާފައިވަނީ ބޭއިންސާފުން ކަމުގައި ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ ވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ބަދަލުވީފަހުން ރާއްޖޭގެ ސިޔާސީ މަސްރަހާ ދުރުވެވަޑައިގަތުމަށްފަހު މިއަދު ރައީސް ނަޝީދު މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ނުހައްޤުން ގޯތި ބަހާފައިވާ މައްސަލައާއި ގުޅޭގޮތުން އަނެއްކާވެސް ވިދާޅުވާން ޖެހެނީ މީގެ ކުރިން ވެސް ވިދާޅުވި ވާހަކަ ކަމަށެވެ.
އެގޮތުން ކުރީގައިވެސް ލިސްޓު ހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށާއި މިފަހަރުވެސް ބޭއިންސާފުން ”އިތުރު ބޮޅެއް އެކުލަވާލެވުނީ“ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
”އެހެންނަމަވެސް މިފަހަރު މިވަނީ މިމައްސަލަ ތަހުގީގު ކުރަން ފަށައި، އަދި އެޗްޑީސީގެ ވެރިން ބަދަލު ކޮށްފަ. އަޅުގަނޑު އުންމީދު ކުރަނީ ފުލުހުން ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް އަދި މައުރޫފް ޖަމީލު އެންމެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށާފައެވެ.
މިކަމާ ގުޅިގެން، މި މައްސަލައިގައި ތުހުމަތުތަކެއް އުފުލިފައިވާ އެއް ފަރާތްކަމަށްވާ އެޗްޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ މިމަހުގެ 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ މައުރޫފް ޖަމީލް އިއްޔެ އައްޔަނު ކުރައްވާފައެވެ.



