އައިޖީއެމްއެޗް ތެރޭގައި އަޑުގަދަކޮށް، ފުލުހުންނަށް ހުރަސް އެޅި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
އެގޮތުން މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މ. ސްޓާ / މުޙައްމަދު ރަޒީން ނަމަކަށް ކިޔައި އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 21 ޑިސެމްބަރު 2024 ވަނަ ދުވަހު 16:00 ހާއިރު އައިޖީއެމްއެޗްގައި ޑިއުޓީގައި ތިބި ފުލުހުންތަކެއްގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅި މައްސަލަ ތަހުގީގު ކުރައްވަމުންދާ ކަމަށެވެ.
ރަޒީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އޭނާގެ ބަންދު އަމުރުގައި ތުހުމަތުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ އައިޖީއެމްއެޗް ތެރޭގައި އަޑުގަދަނުކުރުމަށް ފުލުހުން ރަޒީނަށް ނަސޭހަތްތެރިވެފައި ވަނިކޮށް ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް ހަޑިހުތުރު ބަހުން އެއްޗެހިކިޔާ އާންމުންނާ ދިމާލަށްވެސް އެ މީހާ ހަޑިއެއްޗެހި ކިޔާފައިވާ ކަމަށެވެ.
މީގެއިތުރުން އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުންވެސް ސަރަހައްދުން ނުގޮސް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މުހައްމަދު ރަޒީނަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދު ލޮގް އޮތް މީހެއްކަން ރިކޯޑުތަކުން ދައްކައެވެ.
އެގޮތުން ރަޒީނު ވަނީ މީގެކުރިން ވިލިމާލޭގެ މަގުތަކުގައި ވެސް މިފަދައިން އަޑުގަދަކޮށް، އޭނާގެ ކުރީގެ އަނބިމީހާ ދިރިއުޅޭ ގޭގެ ދޮރު ހަލާކުކޮށްލައި، ކުރީގެ އަނބިމީހާ މަސައްކަތް ކުރާ އޮފީހަށް ވެސް ގޮސް އެތައް ދުވަހަކު އަޑުގަދަ ކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާއަކީ ނަފްސާނީ ބައްޔަށް ކޮންމެވެސް ވަރަކަށް ބޭސްކުރާ ފަރާތަކަށްވުމުން، މި މައްސަލަތަކުގައި އޭނާއާމެދު މާބޮޑު ފިޔަވަޅެއް މީގެ ކުރިން އަޅާފައި ނުވާކަން ވެސް އެނގިފައިވެއެވެ.



