ޒަހަމްތަކަކާއެކު ނ. ހޮޅުދޫން ފެނިފައިވާ އެރަށު މާރަނގަ ޒަކިއްޔާ މޫސާ (50އ.) ގެ މަރާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި އެރަށުގައި މާރާމާރީ ހިންގި މައްސަލައިގައި، ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފިއެވެ.
ގިނަ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ޒަކިއްޔާ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅުނު ހޮޅުދޫ ނިއުލައިފް ގޭގެ ބަދިގެފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށްވާތީ، އޭނާ މަރުވީ އަމިއްލައަށްކަމަށް އެރަށުތެރޭގައި ވަނީ އަޑުފެތުރިފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ ހޮޅުދޫގައި ހަރަކާތްތެރިވެފައެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފުލުހުން 3 ޑިސެމްބަރު 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ކަނާތާއި ވައަތް ފަރާތަށް ތޫނު އެއްޗެކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަހަމްތަކެއް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރުގެ ކަނާތްފަރާތުގައި ފުން ދެ ޒަހަމެއް އަދި ވައަތް ފަރާތުގައި ފުން ތިން ޒަހަމެއް ހުރި ކަމަށާއި ކަރުގެ މެދާއި ހިސާބުގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރި ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.
ފުލުހުން އެދުވަހުގެ ބައްދަލުވުމުގައި ވިދާޅުވީ، ޒަކިއްޔާގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތްކަމަށް މިހާތަނަށް ތަހުގީގުން ހާމަވާ ކަމަށެވެ.
މިކަމާ ނުރުހުންފާޅުކޮށް 19 ޑިސެމްބަރުގައި ވަނީ އެރަށުގައި އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ހިޔާލު ތަފާތުވުން އިތުރުވެ ފަހުން ވަނީ މާރާމާރީއަކަށް ބަދަލުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޮޅުދޫގައި އެދުވަހު ހިނގި ހަނަނުޖެހުމުގެ ސަބަބުން ކޯޓު އަމުރެއްގެދަށުން ނ. ހޮޅުދީ ނިއުލައިފް / މޫސާ ރިމްޒީ (30އ.) މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.



