އިޒްރޭލުން ޣައްޒާގެ ކަމަލް އަދްވާން ހޮސްޕިޓަލަށް އަނެއްކާވެސް ހަމަލާތަކެއްދީ އެތައް ބަޔަކު މަރާލައިފިއެވެ.
ޔަހޫދީ ސިފައިން މީގެކުރިންވެސް އެތައް ފަހަރަކު ހަމަލާ ދިނުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި މިހާރުވެސް ބަލިމީހުންނަށް ދެވެނީ މަދު ހިދުމަތްތަކެއްކަން ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.
އިއްޔެ އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން 12 މީހުން މަރުވެ، 20 ސިއްހީ ޚިދުމަތްތެރިންނާ ހޮސްޕިޓަލުގެ އިތުރު މުވައްޒަފުންތަކެއް ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ކަމަލް އަދްވާން ހޮސްޕިޓަލުގެ އިތުރުން، އިޒްރޭލުން އިއްޔެ ވަނީ ޣައްޒާގެ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ދަތުރުކުރި ވަފުދަކަށް ވެސް ހަމަލާދީފައެވެ. ދީރުލް-ބަލާހްގެ މެދުތެރެއިން އެ ވަފުދަށް ދިން ޑްރޯން ހަމަލާގެ ސަބަބުން ހަތަރު ސެކިއުރިޓީ ގާޑުން ވަނީ މަރުވެފައެވެ. އަދި އެ ވަފުދު ގެންދިޔަ ކާބޯތަކެތިތައް ވެސް ވަނީ ޣައްޒާގެ ރައްޔިތުންނާ ހަމައަށް ފޯރުމުގެ ކުރިން އެއްކޮށް ހަލާކުވެފައެވެ.
އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ގޮވައިލުމާ ގުޅިގެން، އިޒްރޭލުގެ ޔަހޫދީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކެއް މިހާރު ކުރެވެމުންދާކަމަށް އެ ޤައުމުގެ ޕާލަމަންޓުގައި ބުނެފައެވެ. ނަމަވެސް އެއީ ކޮންދުވަހަކު ކުރާނެ ކަމެއްކަން ނުވަތަ އެކަމަށް ކިހާ މުއްދަތެއް ނަގާނެ ކަމެއް ނަތަންޔާހޫ ބުނެފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން 45،317 ރައްޔިތުން ވަނީ މަރުވެފައެވެ. އަދި 107،713 ފަލަސްތީނު ރައްޔިތުން މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޒަހަމްވެފައިވެއެވެ.


