ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
އެގޮތުން އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފިކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ މިއަދު އިއުލާނު ކުރައްވާފައެވެ.
”އެކްސް“ މެދުވެރިކޮށް އެ ބޯޑުން ބުނީ، އެޗްޑީސީއަށް މިހާރު އައު މެނޭޖިންގް ޑިރެކްޓަރަކު އައްޔަނު ކުރުމާއެކު، ކުރިން ސަސްޕެންޑު ކޮށްފައިވާ އެ ކުންފުނީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތުތަކާއެކު އެޗްޑީސީގެ ޗެއަރމަން ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑުކުރިއެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވެސް ހިމެނެއެވެ. އެއާއެކު ފަޒުލް ވަނީ މިމަހުގެ 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ފަޒުލްގެ އިސްތިއުފާއާއެކު 22 ޑިސެމްބަރު ވަނަ ދުވަހު ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އެޗްޑީސީ ހިންގުމަށް މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަގާމަށް މައުރޫފް ޖަމީލު އައްޔަނު ކޮށްފައެވެ.


