ކޮރަޕްޝަންގެ ތުހުމަތުގައި ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އިތުރު ވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
މި މައްސަލައިގައި ސައީދުގެ އިތުރުން ދައުވާ ކުރަން ފޮނުވާފައިވަނީ އެތަނުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާ ސޯލިހުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމެންޓް ކުންފުންޏެއް ކަމަށްވާ، ބްލޭޒަން އިންކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ތުހުމަތެވެ.
ޕީޖީ އޮފީހުން ބުނީ ފެނަކަ އާއި ބްލޭޒަން އިންކްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރު ކަމަށެވެ. ނަމަވެސް ބްލޭޒަން އިންކް އިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށްވާ ފައިސާ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި ތުހުމަތާ ގުޅިގެން ދީނާއާއި ސައީދުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ސައީދު ހިންގެވި ފެނަކައާ ގުޅޭ 75 ކޮރަޕްޝަނުގެ މައްސަލައެއް ދިޔައީ ތަހުގީގުކުރަމުންނެވެ.




