ބިންވެރިޔާ ސްކީމް މައްސަލައިގައި ކުރީ ސަރުކާރުގެ ހަތަރު މީހަކަށް ދައުވާކުރުމާމެދު ގޮތެއްނިންމުމަށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކޮމިޝަނުން ތަހުޤީގު ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާކަމަށެވެ.
އަދި ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތް ނިންމައި، ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަށް ކުރަމުންގެންދާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
މިކަމުގައި ދައުވާކުރުމާ މެދު ޕީޖީއާއެކު އޭސީސީން މަޝްވަރާ ކުރައްވަމުން ގެންދަވަނީ ބިންވެރިޔާ ސްކީމާއި ގުޅޭގޮތުން ފެންމަތިވެގެން އުޅޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފަހައްޓާފައިވާ ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީގައި އިސްކޮށް ތިއްބެވި 4 އޮފިޝަލެއްގެ މައްސަލާގައެވެ.
އެއީ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި ސީނިއަރ އެކްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފު އާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު އަދި ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ.



