އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް 92 އަހަރުގެ އުމުރުފުޅުގައި އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވެފައި ވަނީ ޞިއްޙީ ޙާލަތު ގޯސްވުމާ ގުޅިގެން ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.
ސިންގްއަކީ އިންޑިއާގެ އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޮޑުވަޒީރުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ 2004 އިން 2014 އަށް ބޮޑުވަޒީރުކަން ކުރެއްވިއެވެ. އަދި އޭގެ ކުރިން މާލީ ވަޒީރުކަން ކުރެއްވި ދުވަސްވަރު، އިޤްތިޞާދީ އިޞްލާޙުތަކުގެ މުހިންމު ބިންގަލެއްކަމުގައި ބެލެވުނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ ”އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރެއިން އެއް ބޭފުޅަކު ގެއްލުނު ކަމަށްޓަކައި އިންޑިއާ ހިތާމަކުރެއެވެ.“ މޯދީ އިތުރަށް ވިދާޅުވީ ސިންގްގެ ”ޙިކުމަތްތެރިކަމާއި ސާދާކަން އަބަދުވެސް ފެންނަން ހުންނަ“ ކަމަށާއި، ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ”މީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސިންގް ކުރެއްވި“ ކަމަށެވެ.
ސިންގްއަކީ ޖަވާހަރުލާލް ނެހްރޫގެ ފަހުން ފުރިހަމަ ފުރަތަމަ ދައުރެއް ނިންމުމަށްފަހު އަލުން އިންތިޚާބުވި ފުރަތަމަ އިންޑިއާ ލީޑަރެވެ. އަދި އެ ޤައުމުގެ އެންމެ މަތީ މަޤާމު ފުރުއްވި ފުރަތަމަ ސިކު ބޭފުޅާއެވެ. ނަމަވެސް އޭނާގެ ދެވަނަ ދައުރުގައި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.
ސިންގް އުފަންވެވަޑައިގަތީ 26 ސެޕްޓެމްބަރު 1932 ގައި، ބައިނުވެ އޮތް އިންޑިއާގެ ޕަންޖާބު ސޫބާގައެވެ. އޭނާ ޕަންޖާބު ޔުނިވަރސިޓީގައި ކިޔަވާވިދާޅުވުމަށްފަހު، އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވަރސިޓީން އިކޮނޮމިކްސް ދާއިރާއިން މާސްޓަރސް ޑިގްރީއެއް އަދި އެއަށްފަހު އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރެއްވިއެވެ.


