ކިތައްމެ އަގީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ މީހާގެ އަގީދާގެ ބަލިކަށިކަމުން ވާ ކަމެއް ނޫނެވެ. އަދި އެއީ އިންސާނާގެ ނަފްސުގެ ބަލިކަށިކަމުންވާ ކަމެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމަށްޓަކައި އަގީދާގައި ސާބިތުވުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ އަޒުމަކާއިއެކު ސަލާމަތުގެ އައްސޭރިއަށް ވާސިލްވެވިދާނެ ކަމަށް ބުނެފައިވެއެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިކަމަށްފަހު ލުޔެއް ލިބޭނެ ކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލި ނަމަވެސް، އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުސީބަތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ، ކީރިތި ޤުރުއާނުގައި މާޔޫސްވުމާއި އުއްމީދު ކެނޑުމާ މެދު އެތައް ބަސްފުޅެއް އައިސްފައިވާ ކަމެވެ. އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އިމާންވުން އިމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ މާޔޫސްވުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުން ކަމަށް ބުނެފައިވެއެވެ.
މުއުމިނުންނަކީ އެންމެ ބޮޑެތި މުޞީބާތުގެ ވަގުތުތަކުގައި ވެސް މާތްﷲ ގެ ރަޙްމަތާއި ލުޔަށް އުއްމީދު ކުރާ، އެމީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއް ކަމަށާއި މާތްﷲ މަގުގައި ޘާބިތުވެ ހުންނަ މީހަކު މާޔޫސްވެގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ވަނީ މުސްލިމުންނާއި ކުރިމަތިވާ ހިތާމައާއި ހިތްދަތިކަން ފިލުވުމަށް އެހީތެރިވާނެ ބައެއް ކަންކަމަށް އަލިއަޅުވާލާފައެވެ. އޭގެ ތެރޭގައި ކޮންމެ ކަމެއްގައި ވެސް މާތްﷲ އާއި ވަކީލުކުރުމާއި، ހެޔޮލަފާ މީހުންނާއިއެކު އުޅުމާއި، ކީރިތި ޤުރުއާނާއި މެދު ވިސްނައި ފިކުރުކޮށް އެފޮތް ކިޔެވުމާއި، އަދި ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތަކާއި، ދުވާލާއި ރޭގަނޑުގެ އެހެނިހެން ވަގުތުތަކުގައު ކުރާ ޒިކުރުތައް ކުރުން ހިމެނެއެވެ.



