ވާރޭވެހުމުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މަޖީދީމަގު ގްރޭންޑު ކުރިމަތިން މަގު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށްދާނީ ބްލޮކްތަކަކަށް ބަހާލައިގެންނެވެ.

މިގޮތުން، ފުރަތަމަ ބްލޮކްގެ މަސައްކަތް ފެށިފައިވަނީ މާލެ ގްރޭންޑް ހޮޓެލާ ދިމާލުގައެވެ. މި މަސައްކަތް ނިންމުމަށް ރޭވިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި، މަޖީދީމަގުގެ އިތުރުން ޗާންދަނީމަގާއި ރަށްދެބައިމަގުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލުތަކެއް އަންނާނެކަން ހާމަކުރައްވާ ކައުންސިލުން ވަނީ މި ބަދަލުތަކުގެ ސަބަބުން އާންމު ދަތުރުވެރިންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ އެކަމަަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ.




