ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 1:50 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހި، ގުލްއަލާމަގު އިރުން ހުޅަނގަށް ނިރުޅު މަގު ހުރަސްކުރަމުން ދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރުޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހުމުންނެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި، އޭނާއަށް ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ޚިލާފުވުމުގެ ސަބަބުން، އެ ގާނޫނުގެ ދަށުން 2024 ޑިސެމްބަރު 21 ވަނަ ދުވަހާ ހަމައަށް ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.
މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ފުލުހުން ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށް ބުނެ، އެފަދަ އެކްސިޑެންޓުތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި މި އެކްސިޑެންޓު ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށާއި، މިފަދަ އެކްސިޑެންޓުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




