ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ހައުސިން މިނިސްޓްރީ އެއްކޮށްލިޔަސް ހައުސިން މިނިސްޓްރީން ފޯރުކޮށްދެމުން އައި ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ހައުސިން މިނިސްޓްރީން ކުރިން ދެމުންދިޔަ އެއްވެސް ހިދުމަތެއް ހުއްޓާނުލާނެ ކަމަށެވެ.
މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ގެދޮރުވެރިކަމާއި ބެހޭ މަސައްކަތްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ރަސްމީ ފޯނު ނަންބަރުތަކަށް ގުޅައިގެން އެ މައުލޫމާތު ހޯދިދާނެކަމަށް އަންގާފައިވެއެވެ. އެގޮތުން 4004900 އަދި 4004901 އަށް ގުޅައިގެން ހިދުމަތް ލިބޭނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ އިއްޔެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ހައުސިން މިނިސްޓްރީ ބަދަލުކުރައްވާފައެވެ. މި ބަދަލާ ގުޅިގެން، ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފައެވެ.
މިހާރު އެއްކޮށްލެވުނު މިނިސްޓްރީގެ ނަމަކީ ”އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ“ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިމިނިސްޓްރީގެ ވަޒީރެއްގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.



