އިސްޓާކީނާއި ބޮކްސަރު ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހާކު ހައްޔަރުކޮށްފިއެވެ.
އެމީހާގެ ބަންދާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ރޭގައި ނެރުނު އަމުރުގައި ބުނެފައިވަނީ ލ. ގަން/ ޗާންދަނީވިލާ، މުހައްމަދު ޝަފުރާނު(21އ.) ކަމަށެވެ.
އޭނާ ރާއްޖެ އައުމުން ބަލައިފާސްކުރި އިރު އޭނާގެ ދެ އިސްޓާކީނުންވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އޭނާގެ ބޮކްސާގެ ތެރެއިން ވެސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ އެތެރެކުރި މަސްތުވާތަކެއްޗަކީ ޓްރެފިކިންގެ މިންގަނޑަށް ފެތޭ އަދި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެކެވެ.
އެހެންވެ އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ކުށެވެ.
ޝަފްރާން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެެ އެވެ.
އެ މައްސަަލައިގައި ޝަފުރާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން މި ވަގުތު ބުނާނެ އެއްޗެއް ނެތް ކަމަށް އޭނާގެ ވަކީލު ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުންޏެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަސް ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.



