ނިމިދިޔަ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުންނެވި މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަ ކުރުމުގެ ގޮތުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އާރުޑީސީގެ އެކައުންޓުގައި ހުރި ފައިސާ، އެ ތަނުގެ އިސް މަގާމެއްގައި ހުރި މުވައްޒަފައެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން، އެ ފައިސާ އެކި މީހުންނަށާއި ކުންފުނިތަކަށް ޖަމާކުރި ކަމަށް ބުނެ ފުލުހުން ބަލަމުން އަންނަ މައްސަލައިގައި މޫކޭއާއި އެހެން ބައެއް މީހުން ދިރިއުޅޭ ތަންތަނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަދެ ފުލުހުން ވަނީ އެތަންތަން ބަލައި ފާސްކުރުމަށްފަހު، ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ.
ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ހިމެނޭ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ތިން ތަނެއް ބަލައި ފާސްކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރުން މިފަހުން ހިންގަމުންދާ ކަންކަމަކީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަކޮށް، ޑިމޮކްރެޓިކް ނިޒާމުގެ ދަށުން ލިބިދޭ މިނިވަންކަމަށް ހުރަސްއަޅައި އަޑުކަނޑުވާލަން ކުރާ ކަންކަން ކަމަށެވެ.
އެގޮތުން މޫކޭ ދިރިއުޅޭ ގެއަށް ފުލުހުން ވަދެފައިވަނީ އެރޭ ދަންވަރުކަން ފާހަގަ ކުރަމުން އެމްޑީޕީން ބުނެފައިވަނީ އެއީ މި ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކުރަމުންދާ ފުރައްސާރައިގެ އެއް ހެކި ކަމަށެވެ.
އަދި އެ މައްސަލައިގައި ފުލުހުން ކުރަމުންދާ ތުހުތުމަތަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެއީ އިދިކޮޅު މެންބަރުންގެ އަގު ވައްޓާލައި ބަދުނާމު ކުރަން ކުރާ ތުހުމަތުތަކެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.



