އއ. ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑު އަންހެނަކަށް އޭނާގެ ސްޕޮންސަރު އަނޮޔާކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑުގެ އަންހެނަކަށް އޭނާގެ ސްޕޮންސަރ އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލައެއް 26 ޑިސެމްބަރު 2024 ވަނަ ދުވަހު ދުވަހުގެ 18:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން މީސް މީޑިއާގައި އަޑުފެތުރިފައިވާ ގޮތުގައި، ތައިލެންޑުގެ އެ އަންހެން ކުއްޖާއަށް އޭނާގެ ސްޕޮންސަރު ޖިންސީ ގޯނާ ކުރަން އުޅުން ކަމަށް ވެއެވެ. އަދި އެމީހާ ކައިރިން އަންހެން ކުއްޖާ ސަލާމަތްވުމަށް ބަރަހަނާ ހާލުގައި މަގުމައްޗަށް ރޮމުން ނިކުތް ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް މިވާހަކަތަކުގެ ހަގީގަތެއް ހޯދުމަށް ނޫސްވެރިން ސުވާލު ކުރުމުން، ފުލުހުން އެކަން ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ. އަދި ތައިލެންޑުގެ އަންހެން ކުއްޖާއަށް ލިބިފައިވަނީ ކޮން އަނިޔާއެއްކަމުގެ ތަފްސީލެއް ވެސް އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.



