މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ބޮންޑެޑް ވެއަރހައުސްއަކުން މުދާ ނެރުނު މައްސަލައެއް ބެލުމަށް ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލަ އަކީ ބޮންޑެޑް ވެއަރހައުސްއެއްގައި ރައްކާކޮށްފައި ހުރި ސިނގިރޭޓްތަކެއް ގެއްލިފައިވާ މައްސަލައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢަލީ އިޙްސާން ހާމަކުރައްވާފައިވާ ގޮތުގައި މިމައްސަލަ މިހާރު ދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސް އާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ އެތައް އަހަރެއް ވަންދެން ބޮންޑެޑް ވެއަރހައުސްތައް ހިންގަމުން އައިސްފައިވަނީ މާލޭގެ އަމިއްލަ ގޭގެއާއި އެޕާޓްމަންޓްތަކުގައި ކަމަށެވެ. އަދި މިފަދަ ތަންތަނުގައި ދެ ތަޅު ލައްވައި، ތަޅުދަނޑި ބަލަހައްޓަމުން އައިސްފައިވަނީ ކަސްޓަމްސްއިން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މުދާ މަދުވި ބޮންޑެޑް ވެއަރހައުސްއަކީވެސް އާންމު ގެއެއްގައި ޤާއިމުކޮށްފައިވާ ތަނެއްކަން މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ހޯމް މިނިސްޓަރުގެ ބަހުގައި، އެ ވެއަރހައުސްއަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ތަނެއް ނަމަވެސް، އެތަނުގެ ވެރިފަރާތުން ވެއަރހައުސް ހިންގުން ހުއްޓާލައި، އެހެން ޙަރަކާތެއް ހިންގަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. މި މަޢުލޫމާތު ލިބުމާ ގުޅިގެން، އެކަން ކަށަވަރުކޮށް، އެތަނުގައި ހުރިކަމަށް ލިޔެކިޔުންތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް ވެރިފަރާތަށް އަންގާފައިވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މި ހާދިސާ ހިނގާދިޔަ ގޮތް ދެނެގަނެ، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސްއިން މިހާރު ތަޙުޤީޤު ކުރިއަށްގެންދާކަން ހާމަކުރައްވާ ހޯމް މިނިސްޓަރު ވިދާޅުވީ އާންމު ގޭގޭގައި ބޮންޑެޑް ވެއަރހައުސް ހިންގުމަކީ ރައްކާތެރިކަމުގެ ގޮތުންނާއި ބެލެހެއްޓުމުގެ ގޮތުން އެންމެ އެކަށީގެންވާ ގޮތް ނޫންކަމުން ސަރުކާރުން މިކަން އިޞްލާޙުކުރައްވާފައިވާ ކަމަށެވެ. މިގޮތުން، ކުރިމަގުގައި ބޮންޑެޑް ވެއަރހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުރިހަމަ ބާރު ހިނގާ ސަރަޙައްދުތަކުގައި ކަމަށް ކަނޑައަޅުއްވާފައިވާކަން ހޯމް މިނިސްޓަރު ވިދާޅުވިއެވެ.



