އާ އަހަރު ފާހަގަކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ޑްރޯން ޝޯއަކާއި ޚާއްޞަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށްދާނީ މި މަހުގެ 31 އާއި އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ފުޑް ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގައި ދިވެހި އެކިއެކި ކާނާގެ ބާވަތްތައް ތައްޔާރުކޮށް، އޭގެ ރަހަ ބަލައިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދިވެހި ސަގާފަތާ ގުޅުންހުރި ހަރަކާތްތަކާއި ބޮޑުބެރުގެ ޝޯތައް ވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ.
އާ އަހަރު ފާހަގަކުރުމުގެ އެންމެ ޚާއްޞަ ހަރަކާތަކީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޑްރޯން ޝޯއެވެ. މި ޝޯ ކުރިއަށްދާނީ އެ ރޭގެ 9:00 އިން ފެށިގެން 15 މިނެޓުގެ މުއްދަތަށެވެ. ޑްރޯން ޝޯގައި ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކުރާ ވަގުތުގެ މަންޒަރުތައް ދައްކުވައިދޭނެއެވެ. އަދި މި ޝޯ ނިމުމުން ދަންވަރު ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެމްޕީއާރްސީން މަޢުލޫމާތު ދީފައިވެއެވެ.



