މާލޭ އަލިކިލޭގެފާނު މަގުން ސައިކަލެއްގައިދިޔަ އަންހެނެއްގެ ކަރުން ފަށެއް ފޭރުނު މީހާ އެކުށަށް އިއުތިރާފު ވެއްޖެއެވެ.
މިމަހުގެ 15 ވަނަ ދުވަހު، ހެލްމެޓެއް އަޅައިގެން ހުރި ފިރިހެނަކު ވަނީ އެމަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެންފައެވެ. ފަށް ފޭރުމަށްފަހު އޭނާވަނީ ސައިކަލުން ފައިބައިގެން ގޮސް، އެ އަންހެން މީހާގެ އަތްދަބަސް ވެސް ފޭރެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަންހެން މީހާ ދުވެފައި ގޮސް އެތަނުގައި ހުރި އިމާރާތަކަށް ވަނުމުންނާއި އެ ސަރަހައްދަށް މީހުން އެއްވާން ފެށުމުން އެ ފިރިހެންމީހާ ވަނީ އެވަގުތު އެތަނުން ގޮސްފައެވެ.
މިމަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް ވެސް އެދުވަސްކޮޅު މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.
ފޭރުމުގެ މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ވ. ފިޔަބަރި ހަސަން އިސާމް (30އ.) އެވެ.
އޭނާގެ ބަންދަށް އިއްޔެ 15 ދުވަސް އިތުރުކޮށްފައިވާއިރު، އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައެވެ. ނަމަވެސް އޭނާ ފޭރުނު ފަށް މިހާރު ނެތް ކަމަށް އިސާމް ކްރިމިނަލް ކޯޓުގައި ބުނެފައިވެއެވެ.




