މިއަހަރުގެ ޑިސެންބަރު މަހު އުމްރާގެ އަޅުކަން އަދާކުރުމަށް 6،373 ދިވެހިން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މި ޑިސެންބަރު މަހު ރާއްޖެއިން ޢުމްރާއަށް ގޮސްފައިވާ އެންމެހައި އަޚުންނާއި އުޚުތުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.
އެކި ކުންފުނިތަކުގެ ޙަވާލުގައި 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މީހުން އުމްރާގެ އަޅުކަމަށް ދަތުރުކުރި ފަހަރެވެ.
ސަރުކާރުން ވަނީ14 ކުންފުންޏަކަށް މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ. މިއާއިއެކު، މިހާރު ރާއްޖޭގައި އުމްރާ ދަތުރުތައް އިންތިޒާމުކޮށްދޭ 50 އަށްވުރެ ގިނަ ކުންފުނި ހަރަކާތްތެރިވެއެވެ.



