މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިހަވަންދިއްޕޮޅު ގޭޓުން ބޭރުގެ ޔޮޓަކަށް ފުރަތަމަ ފަހަރަށް ޚިދުމަތް ދީފިއެވެ.
މިކަން ހާމަކުރައްވާ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޚިދުމަތް ދީފައިވަނީ ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އައި ޔޮޓަކަށް ކަމަށެވެ.
އެމްޕީއެލްއިން އިހަވަންދިއްޕޮޅުގައި ގާއިމުކޮށްފައިވާ ”އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު“ އިން މި ޔޮޓަށް ވަނީ ކުލިއަރެންސް ޚިދުމަތް ދީފައި ކަމަށް ވެސް ސީއީއޯ ވަޖީހު ވިދާޅުވިއެވެ. އަދި މި ޚިދުމަތް އެ ޔޮޓަށް ދީފައިވަނީ، އެކަމަށް އެ ޔޮޓުން އެދުމުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި ދުވަސްވަރަކީ ރާއްޖެއަށް ބޭރުގެ ޔޮޓު ފަހަރުތައް ފަތުރުވެރިން ގޮވައިގެން ދަތުރު ކުރާ މިންވަރު އިތުރުވާނެ ދުވަސްވަރަކަށްވުމުން އެމްޕީއެލްއިން ވަނީ މި ޔޮޓުތަކަށް ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގައެވެ. އަދި މި ހިދުމަތް ދޭން ފަށާފައިވަނީ ”އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް“ ގެ ދަށުންނެވެ.
މި ގޭޓުން ބޯޓު ފަހަރަށް ބޭނުންވާ އިތުރު ޚިދުމަތްތައް ވެސް އެމްޕީއެލްއިން ވަނީ ފޯރުކޮށްދޭން ފަށާފަ އެވެ.



