އިޒްރޭލުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ތުއްތު ކުދިންތަކެއް، މި ފިނި މޫސުމުގައި ގަނޑުވެގެން މަރުވެއްޖެއެވެ.
މިދުވަސްކޮޅަކީ މެދު އިރުމައްޗަށް ފިނި މޫސުމުގެ ދުވަސްވަރުކަމުން ހާލުގައި ޖެހިފައިތިބި ޣައްޒާގެ ރައްޔިތުން ވަނީ އިތުރަށް ހާލުގައި ޖެހިފައެވެ. ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާގެ ސާމާނާއި، ޒަރޫރީ އެހެން ބޭނުންތަކުގެ ސާމާނުގެ އިތުރުން ޣައްޒާގެ ރައްޔިތުން ތިބީ ފިނިން ސަލާމަތްވާނެ އައްނައުނަށް ވެސް އިންތިހާއަށް ބޭނުން ޖެގިފައެވެ.
ނަމަވެސް ރަހުމް ކުޑަ ޔަހޫދީ އިޒްރޭލު ސިފައިން ވަނީ ޣައްޒާއަށް އެހީވާނެ ހުރިހާ މަގެއް ބަންދުކޮށް، އެހީވާން އެކި ޤައުމުތަކުން ފޮނުވިތަކެތި ވެސް ހަލާކު ކޮށްލާފައެވެ.
މިކަމުގެ ސަބަބުން އެންމެ ބޮޑަށް ހާލުގައި ޖެހުނީ ޣައްޒާގެ ތުއްތު ކުދިންނެވެ. ދިފާއީ ނިޒާމު ނާޒުކު އެތުއްތު ކުދިންގެ ތެރެއިން އެތައް ކުދިންނެއް، ފިނި މޫސުމުގެ ސަބަބުން ގަނޑުވެގެން މަރުވެއްޖެ ކަމަށް ބޭރުގެ ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.
އ.ދ އިން ފަލަސްތީނުގެ ރެފިއުޖީންނަށް ކަނޑައަޅާފައިވާ އެޖެންސީ ކަމަށްވާ އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރިނީ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިނިން ސަލާމަތްވާނެ އައްނައުނާއި ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބުމުގެ ސަބަބުން ޣައްޒާގެ އެތައް ތުއްތު ކުދިންނެއް މަރުވެ، ގިނަ އަދަދެއްގެ ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށެވެ.
”ފިނިން ރައްކާތެރި ކުރުމަށް ބޭނުންވާނެ ރަޖާއާއި، ގޮދަނޑިއާއި އެނޫންވެސް ބޭނުންތެރި ސާމާނު، ޣައްޒާއަށް އެތެރެ ނުކުރެވި ތާށިވެފައި ހުންނަތާ މިހާރު އެތައް މަހެއްވެއްޖެ“ ފިލިޕް ބުނެފައިވެއެވެ.
ފިލިޕްވަނީ ވީހާވެސް އަވަހަށް ހަނގުރާމަ ހުއްޓާލަން ޖެހޭކަމަށް ގޮވާލައި، ސުލްޙަމަސަލަސްކަމާއި ޣައްޒާގެ ރައްޔިތުންގެ ސަލާމަތަށް ގޮވާލާފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް މުނީރް އަލްބަރްޝް މިދިޔަ ބުރާސްފަތި ދުވަހު ބުނީ މިދިޔަ ހަފްތާގައި ޣައްޒާގެ ތިން ތުއްތު ކުއްޖަކު ފިނި މޫސުމުގެ ސަބަބުން ގަނޑުވެގެން މަރުވެފައިވާ ކަމަށާއި އެކުދިންނަކީ ދެ ހަފްތާއާއި އެއް މަހާ ދެމެދުގެ އުމުރުގެ ތުއްތު ކުދިން ކަމަށެވެ.




