އިޒްރޭލުގެ ޔަހޫދީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކެންސަރު ޖެހިފައިވާކަން ހާމަވުމުން، އަވަސް ސާޖަރީއެއްކޮށް އޭނާ އެ ބަލިން ސަލާމަތްކޮށްފިއެވެ.
ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި އުމުރުން 75 އަހަރުގެ ނަތަންޔާހޫއަށް ޖެހުނީ ފިރިހެނުންގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރެކެވެ.
އެކަން ޔަގީންވުމުން މިދިޔަ އަދީއްތަ ދުވަހު އަވަސް ސާޖަރީއެއްކޮށް މިހާރު އެ ކެންސަރު (ޕްރޮސްޓޭޓް) ނަގާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ނަތަންޔާހޫ އަށް ފާއިތުވީ އަހަރުތަކުގައި އެކި ކަހަލަ ސިއްހީ މައްސަލަތަކާ ވަނީ ކުރިމަތިވެފައެވެ. ނަމަވެސް އަބަދުވެސް އާންމުންގެ ކުރިމަތީގައި އޭނާއަކީ ވަރުގަދަ ޝަހުސިއްޔަތެއްކަން ދައްކަން އޭނާ މަސައްކަތް ކުރާ ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ފަލަސްތީނުގެ ޣައްޒާގެ ކުށެއްނެތް ރައްޔިތުން ގަތުލުކޮށް، އެމީހުންގެ އަމިއްލަ ގެދޮރުން ނެރެ، ނަތަންޔާހޫ ހިންގަމުންދާ ލާއިންސާނީ އަމަލާ ގުޅިގެން އޭނާއާ ދެކޮޅަށް ޝަރީއަތެއް ހިނގަމުންދާއިރު، އެ ޝަރީޢަތުގެ މަޖިލީހުގައި ދާދިފަހުން ނަތަންޔާހޫ ވަނީ އޭނާގެ ސިއްޙަތާ ގުޅޭގޮތުން އަމިއްލަ ނަފްސަށް ތައުރީފު ކޮށްފައެވެ.
އެގޮތުން ނަތަންޔާހޫ ބުނީ އޭނާއަކީ ކޮންމެ ދުވަހަކު 18 ގަޑިއިރު ވަންދެން އޭނާގެ އޮފީހުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި ގިނަ ވަގުތު ހޭދަ ކުރަނީ ރަނގަޅަށް ކާނެ ވަގުތެއްވެސް ނުލިބުމުގެ ސަބަބުން ހަމައެކަނި ސުއްޓާއެއް ބޮއެގެން ކަމަށެވެ. އެހެންނަމަވެސް އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
ކުށެއްނެތް ރައްޔިތުންތަކަކަށް ނިކަމެތި ހާލު ޖެއްސުމުގައި ނުކައި ނުބޮއެ މަސައްކަތް ކުރާތީ، އިޒްރޭލާއި އެމީހުން ހިންގާ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދޭ ޤައުމުތަކުން ވަނީ ނަތަންޔާހޫގެ އެ މަސައްކަތްތަކަށް ތައުރީފު ކޮށްފައެވެ.



