ޗުއްޓީ ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ދެ ކްރޫޒް ލައިނަރަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އަތުވެއްޖެއެވެ.
އެގޮތުން ރާއްޖެއަށް އައިސްފައިވަނީ ބަހާމާސްގައި ރަޖިސްޓްރީކޮށްފައިވާ ”އެމްއެސް ނޯވެޖިއަން ސްކައި“ އާއި މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ”އެމްއެސް ރިވިއޭރާ“ ނަމަކަށް ކިޔާ ކްރޫޒް ލައިނަރުތަކެކެވެ. މި ދެ ކްރޫޒް ލައިނަރު ވެސް މިހާރު ވަނީ މާލޭގައި ބަނދަރުކޮށްފައެވެ.
މި ދެ ކްރޫޒް ލައިނަރުގެ ތެރެއިން އެމްއެސް ނޯވެޖިއަން ސްކައި ބަނދަރު ކުރީ އިއްޔެއެވެ. އަދި މިރޭ އެ ކްރޫޒް ލައިނަރު މާލެއިން ފުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހާމަކުރަމުން މާޔާ މޯލްޑިވްސް އިން ”އެކްސް“ ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމްއެސް ނޮވެޖިއަން ސްކައިން 1،872 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ.
ދެވަނަ ކްރޫޒް ލައިނަރު ކަމަށްވާ އެމްއެސް ރިވިއޭރާ މާލެ އައީ މިއަދެވެ. އެ ކްރޫޒް ލައިނަރު މާލެއިން ފުރަން ތާވަލުކޮށްފައިވަނީ މާދަމާ އެވެ. ޖުމްލަ 2،004 މީހުންގެ ޖާގައިގެ މި ކްރޫޒް ލައިނަރުން އައި އެތައް ސަތޭކަ ބަޔަކު ވަނީ މާލެ ފައިބައިފަ އެވެ.


