އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ޖިނީ ކާޓަރ ގެ އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާ، ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޖިމީ ކާޓަރ އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ 39ވަނަ ރައީސް ޖިމީ ކާޓަރ އަވަހާރަވީއިރު އުމުރުފުޅުން 100 އަހަރެވެ. އޭނާ އެމެރިކާގެ ރައީސްކަން ކުރެއްވީ 1977 އިން 1981 އަށެވެ.
ޖިމީ ކާޓަރ އަކީ އެމެރިކާގެ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވި މެންބަރެކެވެ. އޭނާ ވަނީ 1963 އިން 1967 އަށް ޖޯޖިއާ ސްޓޭޓް ސެނޭޓުގައި ހިދުމަތް ކުރައްވާފައެވެ. އޭގެ އިތުރުން 1971 އިން 1975 އަށް ޖޯޖިއާގެ 76 ވަނަ ގަވަރުނަރުކަން ވެސް ޖިމީ އަދާކޮށްފައިވެއެވެ.
އެމެރިކާގެ ރައީސުންގެ ތެރެއިން ޖިމީ ކާޓަރ އަކީ މިހާތަނަށް އުމުރުން އެންމެ ގިނަ ދުވަސްވީ ރައީސެވެ.
ޖިމީ ކާޓަރ ގެ ސިއްހީ ހާލަތާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް، އޭނާ މިދިޔަ އަހަރު ހޮސްޕިޓަލުތަކުން ބޭސްފަރުވާ ކުރުން ހުއްޓާލައްވައި އަމިއްލަ ގޭގައި ފަރުވާ ކުރަން ފެއްޓެވި ކަމަށް ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވެއެވެ.
ސިޔާސީ ގޮތުން ޖިމީ ކާޓަރ އަށް މާބޮޑު ތަރުހީބެއް ނުލިބުނު ކަމުގައިވިޔަސް، ރައީސް ކަމަށްފަހު އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޭނާވަނީ ގިބަ ބައެއްގެ ލޯބި ހޯދައިފައެވެ. އަދި އެ މަސައްކަތްތަކަށްޓަކައި އޭނާއަށް ނޯބަލް ޕީސް ޕްރައިޒް ވެސް ލިބިލައްވާފައިވެއެވެ.



