އަނިޔާވެރި އިޒްރޭލުން ހައްޔަރުކޮށްފައިވާ ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. ހުސާމް އަބޫ ސާފިޔާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ޑޮކްޓަރުން ގޮވާލަން ފަށައިފިއެވެ.
އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ކަމާލް އަދްވާން ހޮސްޕިޓަލުގައި ހުޅުޖަހައި، އެތަނުގެ ބައެއް ބޯޑު މެންބަރުންނާއި މުވައްޒަފުން ވެސް ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
އޭގެތެރެއިން ފަސް މީހަކު، އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައިވާ ކަމަށް ވެސް އެ ޤައުމުން ވަނީ ޚަބަރު ފަތުރާފައެވެ. އެ ޚަބަރާއެކު ޑރ. އަބޫ ސާފިޔާ ދޫކޮށްލުމަށް އެހީތެރިވެދިނުމަށް އޭނާގެ އާއިލާއިން ވަނީ އާދޭސް ކޮށްފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން ބައެއް ޑޮކްޓަރުން މީސް މީޑިއާގައި ވަނީ މިކަމަށްޓަކައި އަޑު އުފުލައި، ޑރ. އަބޫ ސާފިޔާ އާއި ދެން ވެސް ޣައްޒާއިން ހައްޔަރު ކުރި ކުށެއް ނެތް އެންމެން ދޫކޮށްލުމަށް ގޮވާލައިފައެވެ. އެގޮތުން އެ ޑޮކްޓަރުން މިހާރު ވަނީ ”ފްރީއަބޫސާފިޔާ“ ޖަހާފައި ހޭޝްޓެގެއް ވެސް ބޭނުން ކުރަން ފަށާފައެވެ.
ކެނެޑާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޔިޕެންގް ޖީ މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޣައްޒާގެ ޑޮކްޓަރު އަބޫ ސާފިޔާ ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި ޣައްޒާގެ ހޮސްޕިޓަލުތަކާއި ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަމަށް ގޮވާލައި ކަމަށެވެ.
މީގެއިތުރުން އަޔަރލޭންޑުގެ ސިއްޙީ ޚިދުމަތްތެރިންތަކެއް އިއްޔެ ވަނީ އެ ޤައުމުގެ މަގުތައް މައްޗަށް ބިލްބޯޑާއެކު ނިކުމެ، ޑރ. އަބޫ ސާފިޔާ މިނިވަން ކުރުމަށް ގޮވާލައި އެކަމަށް ބާރު އަޅައި ދިނުމަށް އެދި އެ ޤައުމުގެ ސަރުކާރަށް ވެސް ގޮވާލައިފައެވެ.


