ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ މީހާގެ މައްޗަށް ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ކޯޓުން ބުނެފައިވަނީ، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
އެ މައްސަލާގައި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހުށަހަޅާފައިވާއިރު، ރިޕޯޓުގައި ހުރި ކަންކަމުން ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އެހެންނަމަވެސް ހައްޔަރުކުރި މީހާ ބުނެފައިވަނީ އެ ފައިސާއަކީ ބަންގްލަދޭޝް މީހާ އޭނާއަށް ދޭން ޖެހޭ ފައިސާއެއް ކަމަށެވެ.
އަދި އެ ބިދޭސީ މީހާއަށް ވަޅިން ބިރުދެއްކި ކަމަށް ކޮށްފައިވާ ތުހުމަތަށް އޭނާ ވަނީ ކޯޓުގައި އިންކާރު ކޮށްފައެވެ.



