މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފަރާތުން އައު އަހަރު ފާހަގަ ކުރުމަށް ބާއްވާ ޑްރޯން ޝޯއާއި ހަވާ އެރުވުން މިރޭ އޮންނާނެއެވެ.
މި ޝޯއަކީ އެމްއެމްޕީއާރްސީގެ އިސްނެގުމުގެ މަތިން ”މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް“ ގެ ނަމުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ހިންގުމުގައި އެމްއެމްޕީއާރްސީގެ އިތުރުން ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާއި އިދާރާތަކާއި އަމިއްލަ ފަރާތްތައް ވެސް ބައިވެރިވެފައިވެއެވެ.
އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި ހަރަކާތް މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެއެވެ. އަދި މިއީ ދިވެހީންގެ އިތުރުން ފަތުރުވެރިންނަށް ވެސް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފެސްޓިވަލެއް ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެސްޓިވަލުގައި މިރޭ ބޮޑުބެރު ޝޯއަކާއި މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކުގެ އިތުރުން ކެއުންތަކުގެ ސްޓޯލެއް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލް ފަށާނީ މިރޭ 8:00ގައެވެ. ފެސްޓިވަލުގެ ހަރަކާތް މާދަމާ ކުރިއަށްދާނީ ހަވީރު 04:00 އިން 10:00އަށެވެ. ހުކުރު ދުވަހު ހަވީރު ތުއްތު ކުދިންނަށް ޚައްސަކޮށް އާއިލީ ހަވީރެއްވެސް އޮންނާނެއެވެ. އާއިލީ ހަވީރުގައި ފުލުހުންނާއި ފަޔާ ޓްރަކް ހުށަހެޅުމަކާއި ކްލައިމްބިން ވޯލް އާއި ބައުންސް ހައުސް އަދި ޓްރާންސްފޯމަރސް ޑިސްޕްލޭއެއްވެސް ހިމެނޭނެއެވެ. މީގެއިތުރުން ބޮޑުބެރު ހުށަހެޅުންތަކާއި ރޮބޯމޭންވެސް އެ ހަވީރުގައި ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީއިން ބުނެފައިވެއެވެ.



