ގދ. ތިނަދޫގެ ސިޓީގެ ދަރަޖަ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިންތިޚާބީ ވަޢުދެއްގެ ގޮތުގައި ތިނަދޫއަށް ސިޓީގެ ދަރަޖަ ދެވުނެވެ.
އެހެންނަމަވެސް، އޭރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތިނަދޫގެ މުޅި އާބާދީއަކީ 8،000 އާ ކައިރި އަދަދެކެވެ. އަދި މީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އާ ގާތްކުރާ އަދަދެއްގެ މީހުންކަމަށް ލަފާކުރެވެއެވެ.
ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ސިޓީއެއްގެ ދަރަޖަ ދިނުމަށް އާބާދީ 10،000 އަށްވުރެ މަތިވާންޖެހެއެވެ. މި ސަބަބަށްޓަކައި، ތިނަދޫގައި ސިޓީއެއްގެ ޝަރުތު ފުރިހަމަނުވާކަމަށް ބުނެ، ސިޓީގެ ދަރަޖަ ބާޠިލުކުރުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ ތިމާވެށީގެ ވުޒާރާގެ ކުރީގެ ނައިބު ވަޒީރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ރާޣިބެވެ.
މިމައްސަލަ އާއި ގުޅިގެން ރާޣިބު ވިދާޅުވި ގޮތުގައި، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމާ ގުޅޭ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.



