އެމް.ޑަބްލިޔު.އެސް.ސީއިން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން 20 ރަށެއްގައި މަސައްކަތް ނިންމާލައިފިއެވެ.
މީގެ ތެރޭގައި 5 ރަށެއްގައި ފެނުގެ ނިޒާމު އަދި 15 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުން ހިމެނެއެވެ.
ފެނުގެ ނިޒާމު ޤާއިމްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ. މުރައިދޫ، ށ. ފީވައް، ނ. ހެނބަދޫ، ރ. އިންނަމާދޫ އަދި އއ. މަތިވެރި ހިމެނެއެވެ. ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކޮށްފައިވާ ރަށްތަކުގެރަށްތަކުގެ ތެރޭގައި ހއ. ވަށަފަރު، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ށ. ގޮއިދޫ، ނ. މާފަރު، ނ. ފޮއްދޫ، ރ. ފައިނު، ބ. ކަމަދޫ، ބ. މާޅޮސް، ޅ. އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ. ހިމަންދޫ އަދި އއ. ފެރިދޫ ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ދަށުން، ރަށްރަށުގައި ފެން ޕްލާންޓް ބެހެއްޓުމާއި، ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމާއި، ފެން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި، ފެން ރައްކާކުރުމަށް ތާންގީ ބެހެއްޓުމާއި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. މީގެ އިތުރުން، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކުރުމާއި، ސީ އައުޓްފޯލް އަދި ރިޖެކްޓް ލައިން އެޅުންވެސް ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްގެން، ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 1.34 ބިލިއަން ދިވެހި ރުފިޔާއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީނު މުޙައްމަދު ވިދާޅުވީ، 2024 ގެ ނިޔަލަށް ހުރިހާ ރަށެއްގެ މަސައްކަތް ނިންމްކަތް ނިންމާލުމުގެ އަމާޒަށް ވާސިލުވެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރައްވާ ޝުކުރު ދެންނެވިއެވެ.




