މާލީ ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށް ޒަކާތު ފަންޑުން މަތީ ތައުލީމު ހާސިލުކުރުމަށް އެހީތެރިވެދޭ ގޮތަށް އިސްލާމިކް މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފިއެވެ.
މި އުސޫލުގެ ދަށުން، އިސްލާމީ ޝަރީޢާ ހުއްދަކުރާ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މި އައު އުސޫލުގެ ދަށުން ދެވޭ ސްކޮލަރޝިޕްތައް ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 އާ ހަމައަށެވެ. މި ސްކޮލަރޝިޕްތަކުގައި ކިޔެވުމާ ގުޅުންހުރި އެންމެހައި ޚަރަދުތައް ހިމެނެއެވެ. ނަމަވެސް، މި ފުރުސަތު ދެވެނީ ހަމައެކަނި އިސްލާމީ ދާއިރާއަށް ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ދަރިވަރުން ކިޔަވަން ޖެހޭނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒުތަކުގައެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާނަމަ، އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާގެ (އޯއައިސީ) މެމްބަރު ޤައުމުތަކަށް އިސްކަންދެވޭނެއެވެ. މީގެ އިތުރުން، އޯއީސީޑީ ނޫން ޤައުމުތަކުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގައިވެސް ކިޔެވުމުގެ ފުރުސަތު ލިބިދެއެވެ.
ސްކޮލަރޝިޕް ދިނުމުގައި އެންމެ އިސްކަމެއް ދެވޭނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށާއި، އާމްދަނީގެ ގޮތުން ދަތިހާލުގައި ތިބި ފަރާތްތަކަށެވެ. އަދި މީގެ އިތުރުން ތައުލީމީ ފެންވަރަށާއި ޤައުމަށް ޚިދުމަތްކޮށްފައިވާ މުއްދަތަށްވެސް ބެލޭނެއެވެ. ނަމަވެސް، މިހާރު ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް ހެދުމަށް ބޭނުންވާ ދަރިވަރުންނަށާއި، ކުރިން ކިޔަވާފައިވާ ދާއިރާއާ ގުޅޭ އިސްލާމީ މަފްހޫމްތައް ހިމެނޭ ކޯހެއް ހެދުމަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ އިސްތިސްނާތަކެއް ދެވޭނެއެވެ.
އެހެންނަމަވެސް، ސަރުކާރުގެ އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ހިލޭ އެހީގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ދަރިވަރުންނަކަށް މި އުސޫލުގެ ދަށުން އެހީއެއް ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ.



