ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އުތުރު ޣައްޒާއަށް ވަނުމަށް އދ އިން 140 އަށްވުރެ ގިނަ ފަހަރު އެދުމުން ވެސް އިސްރާއީލުގެ އޮކިއުޕޭޝަން އޮތޯރިޓީތަކުން އެކަން ހުއްޓުވާފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
އޮކިއުޕައިޑް ޓެރިޓަރީގައި ހުރި އދ ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) ގެ އިސް އޮފިޝަލް ޖޮނަތަން ވިޓޯލް ދެއްވި ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ އޮކިއުޕޭޝަން ސިފައިން ޖަބާލިޔާ އާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކަށް ވައިގެ ހަމަލާތައް ދިނުން ކުރިއަށްގެންދަނީ ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްތެރިން އަމާޒުކޮށްގެން ކަމަށެވެ.
ޖަބާލިޔާ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނު ޢާއިލާތައް ވަނީ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން އިސްރާއީލުގެ ހިޞާރުގެ ދަށުގައި ފާހަގަކޮށް އޭނާ ބުނީ އުތުރު ޣައްޒާ ސްޓްރިޕްގެ ޖަބާލިޔާ، ބައިތުލް ހަނޫން އަދި ބައިތުލް ލާހިޔާ ފަދަ ސަރަޙައްދުތަކުން މަޖުބޫރުން ނެރެލެވުނު ފަލަސްޠީނުން ދިރިއުޅެމުންދަނީ ޣައްޒާ ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ވަރަށް ދަތި ޙާލަތެއްގައި ކަމަށެވެ.
މި ޙާލަތުގައި އދ އިން ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އުތުރު ޣައްޒާއަށް ވާޞިލުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އުތުރު ޣައްޒާއަށް ވަނުމަށް އެދި ފޮނުވާފައިވާ 140 އަށް ވުރެއް ގިނަ ރިކުއެސްޓްތައް އިސްރާއީލުގެ އޮތޯރިޓީތަކުން ބަލައިނުގަނެ ރައްދުކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އުތުރު ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށް ވެސް އދ ގެ އޮފިޝަލު ވަނީ ބުނެފައެވެ.



