2025 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ފެށި، އިޤްތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެންފަށާނެ އަހަރެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައި ދިވެހި ދައުލަތަކީ މިހާރު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ އަމާޒަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުން ކަމަށެވެ.
އާ އަހަރާ ގުޅިގެން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނު ވަނީ އަމިއްލަ ފަރުދުންގެ އަޒުމުގެ ގޮތުގައި، ކަންކަމާމެދު ހެޔޮ ވިސްނުން ގެންގުޅުމަށާއި ޞުލްޙަ މަޞްލަހަތު އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން، 2025 ވަނަ އަހަރަކީ ދިވެހީންގެ މުސްތަޤުބަލަށްޓަކައި ޒިންމާދާރުކަމާއެކު ޤައުމު ބިނާކުރުމުގެ އަހަރުކަމުގައި ހެދުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. އަދި އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.



