މިއަދުން ފެށިގެން ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިކޮށްދޭނެ އެއްބަސްވުމެކެވެ.
2014 ވަނަ އަހަރު ސޮއިކުރެވުނު މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓްކުރުމަށް މަގުފަހިވެގެންދާނެއެވެ.
ޚާއްޞަކޮށް، ދިވެހި މަސްވެރިންނަށް ޑިއުޓީއެއް ދެއްކުމަކާ ނުލައި މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގައި އުފައްދާ އެހެނިހެން މުދާވެސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާ ލިބުމުގެ ފުރުސަތު އިތުރުވެ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
މިއެއްބަސްވުމުގެ ދަށުން، ދިވެހި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޗައިނާގެ މާކެޓަށް ވާސިލްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށާއި، ދިވެހި އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އިޤްތިޞާދީ ދާއިރާ އަދި ތަރައްޤީގެ އެކިއެކި ދާއިރާއިން ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.



