މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ”ވޯލްޑްސް ބިގެސްޓް ގިވްއަވޭ“ ގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ 52 ފުރުސަތު ލިބޭ ގޮތަށް ބޮޑު ކެމްޕެއިނެއް ފަށައިފިއެވެ.
ނިމިގެންދިޔަ ޑަބްލިއުޓީއެމް ލަންޑަން ފެއަރގައި ތަޢާރަފުކުރެވުނު މި ކެމްޕޭނަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ މުބާރާތްތަކެކެވެ. ކޮންމެ މަހަކު ބޭއްވޭ މި މުބާރާތްތަކުގެ ނަސީބުވެރިންނަށް ކޮންމެ ހަފްތާއަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ގެނައުމާއި، ރާއްޖެއަށް އިތުރު ފަތުރުވެރިން ޝައުޤުވެރިކުރުވުމެވެ. މީގެ އިތުރުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރެވޭނެއެވެ.
އެމްއެމްޕީއާރްސީން ހާމަކޮށްްފައިވާ ގޮތުގައި މި މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ތަފާތު ހިތްގައިމު ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރާއްޖެއަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްކަން އަންގައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.
ރާއްޖެއަށް ލިބިފައިވާ ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ ގެ މަޤާމު ދެމެހެއްޓުމަށް އެމްއެމްޕީއާރްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއީ އެއް މަސައްކަތެވެ.


