މާލޭގެ ރަސްމީ ފާލަމުގެ މަރާމާތުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު މި މަޢުލޫމާތު ދެއްވާފައިވަނީ މަސައްކަތުގެ ޕްރޮގްރެސް ބެއްލެވުމަށް ރަސްމީ ފާލަމަށް ކުރެއްވި ޒިޔާރަތެއްގައެވެ. މިނިސްޓަރުގެ ބަހުގެ މަތިން، ފާލަމުގެ އޯވަހެޑް ސްޓްރަކްޗަރގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ ފުރާޅުގެ މަސައްކަތެވެ.
ކުރީގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ އަގަކީ 11.7 މިލިއަން ރުފިޔާއެވެ. މަސައްކަތް ފެށުނީ މިއަހަރުގެ މެއި މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް، ބޭނުންވާ ތަކެތި ލިބުމުގައި ދިމާވި ލަސްތަކާ ހެދި މަސައްކަތް ލަސްވެފައިވާކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ކުރީގެ ފާލަން ރޫޅާލަން ޖެހުނީ އޭގެ ހާލަތު ދަށްވެ، މީހުންނަށް ނުރައްކާވެދާނެތީއެވެ. އެހެންނަމަވެސް، ފާލަން ބަންދުކޮށްފައި އޮތުމަކީ މާލެއަށް އަންނަ މީހުންނަށް އުނދަގޫވާ އަދި މާލޭގެ ޖަމާލުކަން ގެއްލޭ ކަމަކަށްވާތީ، މަސައްކަތް އަވަސް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމީ ފާލަން އެންމެ ފަހުން އާ ޑިޒައިނަކަށް ހެދީ 2015 ވަނަ އަހަރު، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. އޭގެ ފަހުން 2017 ގައި ވެސް ފާލަން މަރާމާތު ކުރެވުނެވެ.



