މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަކީ އަމާޒެއް ކަމުގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މި ސަރަޙައްދުގައި ފެނުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ ފެން ޕްލާންޓަކީ ދުވާލަކަށް 20000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ހުރި ފެން ޕްލާންޓެކެވެ. މާލެ ސަރަޙައްދަށް މިހާރު ދުވާލަކަށް 11000 ޓަނަށް ވުރެ ގިނަ އަދަދަކަށް ފެން ބޭނުންވާކަމަށް ފެން ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއާއެކު، ފެން އުފައްދާ ކެޕޭސިޓީ ވެސް އިތުރުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މާލެ އަދި ހުލުމާލެ ހިމެނޭހެން، 5000 ޓަނުގެ ފެން އުފައްދާ އިތުރު 2 ޕްލާންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި މި ޕްލާންޓުތަކާއެކު، މިހާރު މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު %30 އިތުރުކުރެވޭނެ ކަމަށް މަތީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ މަސައްކަތް 2025 ވަނަ އަހަރު ފުރިހަމަކުރުމަކީ އެ ކުންފުނީގެ ޢަމާޒެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.



