ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ކަންޗަން ދުންގަލް (25އ.)ގެ ހަށިގަނޑު އޭނާގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ކަންޗަން މަރުވެފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 9 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވީ އައިޖީއެމްގެ އެމަޖެންސީ ރޫމްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވީ ކަންޗަން އައިޖީއެމްއެޗަށް ގެންދިޔައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި އޭނާގެ ޚަބަރުހުސްވިކަން ވެސް ފުލުހުން ފާހަގަ ކުރައްވާފައިވެއެވެ.
ހައިރާން ކުރުވަނިވި މި މަރާ ގުޅިގެން، ކަންޗަންގެ މެޑިކޯ-ލީގަލް ޓެސްޓެއް ހެދި ކަމަށާއި ނަމަވެސް އޭނާ މަރުވި ސަބަބު އެ ރިޕޯޓުން އެނގިފައި ނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެ ރިޕޯޓުގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ކަންޗަން އަކީ ލޭމަދުވުމުގެ ސިއްހީ މައްސަލައެއް ހުރި މީހެއްކަން ވެސް ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.
ކަންޗަން ރާއްޖެއަށް ގެނައި ސްޕޮންސަރުން އޭނާގެ ހަށިގަނޑާ ހަވާލުވެފައި ނުވާތީ އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ، ނޭޕާލްގެ އެ އަންހެންމީހާގެ ހަށިގަނޑު ޤައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.




