ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މުދާ އެތެރެކުރެވިފައިވަނީ 2024 ވަނަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހިމް ހާމަކުރައްވައިފިއެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ޖުމްލަ 66،387 ކޮންޓެއިނަރާއި 131،262 ފްރައިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެއަށް އެތެރެކުރެވިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ކޮންޓެއިނަރުގެ އަދަދު 7 އިންސައްތަ އަދި ޖެނެރަލް ކާގޯގެ ވޮލިއުމް 29 އިންސައްތަ އިތުރުވެފައިވާ މިންވަރެކެވެ.
ވަޖީހު ވިދާޅުވިގޮތުގައި މި ތަފާސް ހިސާބުތަކުން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައިވެސް ރާއްޖޭގެ އިޤްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވާކަމެވެ. އަދި ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ޕްރޮޖެކްޓުތަކެއް 2025 ވަނަ އަހަރު ފެށިގެންދާނެކަމަށް ބެލެވޭތީ، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.
އިޤްތިޞާދީ ދުވެލި އިތުރުވުމާއެކު ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭތީ، ތަރައްޤީގެ މަޝްރޫޢުތަކަށް ދަތިނުވާނެހެން ކާގޯ މެނޭޖުކުރުމަށް އެމްޕީއެލްއިން ތައްޔާރުވަމުންދާކަމަށް ވަޖީހު ވިދާޅުވިއެވެ. މިގޮތުން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އެކި ބާވަތްތަކުގެ ކާގޯ ހިމެނޭ ކޮންޓެއިނަރުތައް ބަނދަރުގައި ބެހެއްޓޭނެ މުއްދަތު ކުރުކުރުމަށް ނިންމާފައިވާކަންވެސް އެމްޕީއެލްގެ ސީއީއޯ ވަޖީހު ހާމަކުރެއްވިއެވެ.




