ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޮލަރޝިޕް ފުރުޞަތެއް ހުޅުވާލައިފިއެވެ.
މި ފުރުޞަތުތައް ހުޅުވާލީ މަތީ ތަޢުލީމާއި މަސައްކަތްކުރުމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިންނެވެ.
މި ސްކޮލަރޝިޕްތަކަކީ ސާކް ޤައުމުތަކަށް އަމާޒުކޮށްގެން ހުޅުވާލި ޕްރޮގްރާމެއްގެ ދަށުން ދިވެހިރާއްޖެއަށް ލިބުނު ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕްތަކުގައި ކިޔަވަން ޖެހޭނީ ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކުގައެވެ.
މި ޕްރޮގްރާމުގެ ދަށުން ހ ދަށުން ހުޅުވާލާފައިވަނީ ބެޗްލަރސް ޑިގްރީ ފެންވަރުގެ 7 ފުރުޞަތެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްބީބީއެސްގެ 6 ފުރުޞަތާއި، ބީޑީއެސްގެ 1 ފުރުޞަތެވެ.
މި ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާންޖެހެއެވެ. މީގެ އިތުރުން، އެދޭ ކޯހާ ގުޅޭގޮތުން ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓުގައި ނުވަތަ ކޯސް ހިންގާ ޔުނިވަރސިޓީން އިތުރު ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ، އެ ޝަރުތުތައްވެސް ފުރިހަމަވާންޖެހޭނެއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އެއަށްފަހު، ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ބަންގްލަދޭޝް ހެލްތް ޕްރޮޓެކްޝަން އިންސްޓިޓިއުޓް (ބީއެޗްޕީއައި) އިންނެވެ.
މި ސްކީމުގެ ދަށުން ކިޔެވޭނެ ތަޢުލީމީ މަރުކަޒުތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވުޒާރާއިން އަންގާފައިވެއެވެ.
ސްކޮލަރޝިޕަށް އެދި ހުށަހަޅަން ޖެހޭނީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. މި ފުރުޞަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.




