ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އެލާޓްތަކެއް ނެރެފިއެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ތ އޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. މިސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 11:15 އިން ފެށިގެން 15:00 އާއި ހަމައަށެވެ.
މީގެއިތުރުންވެސް މޫސުމާބެހޭ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަދި ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.
ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެންދުރު 11:00 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ހުދު ސަމާލު ނެރެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، ބ. އޮޅުން ފެށިގެން ލ. އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައިވާއިރު، މޫސުމާބެހޭ އިދާރާއިން ބުނީ މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ބައި ގަދަވާނެކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެއިދާރާއިން ވަނީ މިއަދު ހެނދުނު 10:30 ފެށިގެން ހަވީރު 16:30 އާއި ހަމައަށް އެސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.
މިދުވަސް މޫސުން ގޯސްވުމުގެ ސަބަބުން ކަމާއިބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.



